މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް (އެމް.ޑީ.އެން)އަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކާއި އަދި ޑިމޮކްރަސީގެ އުސޫލުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ އަމިއްލަ ޖަމްޢިއްޔާއެކެވެ. އެމް.ޑީ.އެން އަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާތްކުރުމުގެ މަޤްސަދުގައި އުފެދުނު އެންމެ ފުރަތަމަ އެއް ޖަމްޢިއްޔާއެވެ. އަދި މިހާރު އެންމެ ފުޅާ ދާއިރާއެއްގައި މި މަސައްކަތްކުރާ ޖަމްޢިއްޔާއެވެ. ރަސްމީ ގޮތުން 2006ވަނަ އަހަރު ހޯމް މިނިސްޓްރީގައި މޯލްޑިވިއަން ޑިޓެއިނީ ނެޓްވަރކް ގޮތުގައި ރަޖިސްޓްރީ ކުރެވުނު މި ޖަމްޢިއްޔާ އުފެދިގެންއައީ ބަންދުކުރެވިފައިވާ މީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގެ ގޮތުގައެވެ. ނަމަވެސް މިއަދުމިވަނީ ޖަމްޢިއްޔާގެ ނަމާއި މަޤްސަދުތައް ބަދަލުވެ، ކުރާ މަސައްކަތް ވަރަށް ބޮޑުތަން ފުޅާވެފައެވެ.

މި ގޮތުން މި ޖަމްޢިއްޔާއިން ފުޅާ ދާއިރާއެއްގައި އިންސާނީ ޙައްޤުތަކާއި އަދި ޑިމޮކްރަސީގެ އުސޫލުތަކާއި ގުޅުން ހުރި ތަފާތު ކަންކަމުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. އެމް.ޑީ.އެންގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކަށާއި ޑިމޮކްރަސީގެ އުސޫލުތަަކަށް ޙުރުމަތްތެރިކޮށް ހިތާ މިންވަރު ވަޒަންކޮށް މޮނިޓަރ ކުރުމާއި، އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ އުސޫލުތަކާއި މެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރުމާއި އަދި އިންސާނީ ޙައްޤުތަކާއި އަދި ޑިމޮކްރަސީގެ އުސޫލުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ދައުލަތުގެ ތަފާތު މުއައްސަސާތަކަށް އެކި ގޮތް ގޮތުން އެއްބާރުލުން ދިނުމާއި، ބާރު އެޅުން ހިމެނެއެވެ.